ޙަޤީޤަތާ ޚިލާފު ވާހަކަ ލިޔުމާއި ކިޔުން

ސުވާލާއި ޖަވާބު | admin | November 28, 2009 at 9:52 am

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަންmaldives-people-new

ތިރީގައި މިވަނީ، ޙަޤީޤަތާ ޚިލާފު ވާހަކައާ ބެހޭ ލިއުމެއްގެ ތަރުޖަމާއެކެވެ. މި ލިއުން ނަގާފައިވަނީ، “ޝަބަކަތު މިޝްކާތިލް އިސްލާމިއްޔާ” ވެބްސައިޓުންނެވެ.


ސުއާލު:
ރިވެތި އަޚުލާޤީ ސިފަތަކަށް ގޮވާލާ، ޙަޤީޤަތެއް ނެތް ވާހަކަ ލިއުމާއި ކިއުމަކީ ހުއްދަކަމެއްތޯއެވެ؟ އެފަދަ ވާހަކައެއްގައި، ހިނިއަންނަ ކަހަލަ ބަޔެއް ވެސް ހިމެނިފައި ވެދާނެއެވެ. އަދި ތަސައްލީގެ ބަޔެއް ވެސް ހިމެނިފައި ވެދާނެއެވެ. މީސްތަކުން ހެއްވުމަށްޓަކައި ދޮގުވާހަކަ ދައްކާ މީހުންނަށް ދެއްވާފައިވާ ޥަޢީދުގެ ބަސްފުޅުގައި، އެފަދަ ވާހަކަ ލިޔާ މީހުންނާއި ކިޔާ މީހުން ހިމެނޭނެތޯއެވެ؟


ޖަވާބު:

ޚިޔާލީ ވާހަކަ ލިޔުމުގައި ނުވަތަ އެ އީޖާދުކުރުމުގައި ބަލަންޖެހެނީ، އޭގައި ހިމެނޭ އެއްޗަކަށެވެ. ދީނީ ޝިޢާރުތަކަށް ފުރައްސާރައާއި މަލާމާތްކޮށް، ދީނީ ޝިޢާރުތަކާ ދެކޮޅު ހެދުން، އޭގައި ހިމެނޭ ކަމަށްވަނީނަމަ، އެކަން ކުރުން ޙަރާމްވާނެއެވެ. އެ ޙާލަތުގައި އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ދަންނައެ، މިބުނި ކަންކަމުގެ ތެރެއިން ކަމެއް، އޭގައި ނުހިމަނާ ކަމަށްވަނީނަމަ، އެ ލިއުނަކަސް މައްސަލައެއް ނެތެވެ. އޭގެ މިސާލަކީ، މިސާލު ޖެހުމުގެ ގޮތުން ލިޔާ ޙަޤީޤަތްނޫން ހާދިސާތަކާއި ޚިޔާލުތަކެވެ.

ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ޙަދީޘްފުޅެއްގައި ވެއެވެ. (حَدِّثُوا عَنْ بَنِي إسْرَائِيل وَلاَ حَرَج) މާނައީ، “އިސްރާއީލު ބާގައިގެ މީހުންނާ ބެހޭ ވާހަކަތައް ތިޔަބައިމީހުން ކިޔައި އުޅޭށެވެ. އެކަން ކުރުމަކީ މައްސަލައެއް ނޫނެވެ.” އިބްނު އަބީ ޝައިބާގެ މުޞައްނިފުގައި، މި ޙަދީޘްފުޅުގެ ފަހަތަށް، އަންނަނިވި ޢިބާރާތް ކުރައްވާފައި ވެއެވެ. (فَإنَّهُ كَانَتْ فِيهِمْ أعَاجِيبَ) އަލްއަލްބާނީ ވިދާޅުވެފައިވަނީ މިއީ ޢިބާރާތެއް ކަމަށެވެ. މި ޢިބާރާތުގެ މާނައީ، “ފަހެ، އެއުރެންގެ ތެރޭގައި (އެބަހީ: އިސްރާއީލު ބާގައިގެ މީހުންގެ ތެރޭގައި) ޢަޖާއިބު ކުރުވަނިވި ވާހަކަތައް ވިއެވެ.”

ޢިލްމުގެ އަހުލުވެރިން (އެބަހީ: ބައެއް ޢިލްމުވެރިން) ވިދާޅުވެފައި ވެއެވެ. “ނަންގަނެވި ދިޔަ ޢިބާރާތަކީ، ޢަޖާއިބު ކުރުވަނިވި ވާހަކަތައް އަޑުއެހުން ހުއްދަކަން އެނގޭ ދަލީލެކެވެ. އެވާހަކަތައް އަޑުއަހާނީ، އެއިން ޙުއްޖަތް ދައްކާކަށް ނޫނެވެ. އެކަމަކު، އެ އަޑުއަހާނީ، އެއިން މުނިފޫހި ފިލުވުމަށެވެ. ފަހަރެއްގައި ވެސް އެއިން ދަލީލު ދައްކައި، އެ ދަލީލުގެ އަލީގައި ޢަމަލުކުރާކަށް ނޫނެވެ.”

މިގޮތުގެ މަތިން، ޢިލްމުގެ ބައެއް އަހުލުވެރިން (އެބަހީ: ބައެއް ޢިލްމުވެރިން) ވަނީ، ޢަޖާއިބު ކުރުވަނިވި ވާހަކަތަކާއި، އާދަޔާ ޚިލާފު ވާހަކަތައް އަޑުއެހުން ހުއްދަކަމަށް ދަލީލު ދައްކަވާފައެވެ. އޭގެ ތެރޭގައި، އެއީ ދޮގުކަން ޔަޤީން ނުވާ ވާހަކަތަކާއި، އެއީ ދޮގުކަން ޔަޤީންވާ ވާހަކަތައް ހިމެނޭ ގޮތަށެވެ. ނަމަވެސް އޭގެ މަޤުޞަދަކީ، މިސާލު ޖެހުމާއި ޢިބްރަތް ޙާޞިލުކޮށްދިނުމާއި ހިތްވަރު ގަދަކަން (ފަދަ ރަނގަޅު ސިފަތައް) އުނގަންނައިދިނުން ކަމުގައި ވާންޖެހޭނެއެވެ. އެފަދަ ވާހަކަތަކުގައި އިންސާނުން ހިމަނައިގެން ކިޔަސް، ނުވަތަ ޖަނަވާރުތައް ހިމަނައިގެން ކިޔަސް ހަމަހަމައެވެ. އެވާހަކަތަކުގެ ޙަޤީޤަތް އެ ކިޔާމީހުންނާއި އަޑުއަހާ މީހުންނަށް އެނގޭނަމަ، އެއާމެދު އެއްވެސް މައްސަލައެއް ނެތެވެ.

މުނާޒަރާކުރުމުގެ އުސްލޫބު، ޝައިޚުލްއިސްލާމް، އިބްނުލްޤައްޔިމް (رحمه الله) ބޭނުންކުރައްވާފައިވެއެވެ. ބައެއް ޢިލްމީ މަބާޙިޘްތައް، އެ އުސްލޫބުން އެކަލޭގެފާނު ލިއުއްވާފައި ވެއެވެ. އޭގައި އެކަލޭގެފާނު ގެނެސްދެއްވާފައިވަނީ، ފިޤުހުވެރިންގެ ޚިޔާލީ ދެ ޖަމާޢަތެއްގެ ބަޔެކެވެ. އެ ދެ ޖަމާޢަތުގެ މީހުން މުނާޒަރާކޮށްފައިވަނީ، ފިރިހެނާގެ ފިރިހެން ފެނުގެ ޠާހިރުކަމާއި އޭގެ ނަޖިސްކަމާ މެދުގައެވެ. އިބްނުލް ޤައްޔިމް، އެ މުނާޒަރާ ލިއުއްވީ، އެކަލޭގެފާނު ލިއުއްވި، “ބަދާއިޢުލް ފަޥާއިދި” ނަމަކަށް ކިއުނު ފޮތުގައެވެ.

އަންނަނިވި ސުއާލު، އައްޝައިޚު އިބްނު ޢުޘައިމީން (رحمه الله) އާ ކުރެވިފައިވެއެވެ.

ސުއާލު: ބައެއް އަދީބުން، ކޮންމެވެސް ކަމަކަށް އަމާޒުކޮށްގެން ވާހަކަ ލިޔެއެވެ. އެފަދަ ވާހަކަތައް ލިޔެފައިވަނީ، މީހުން ނިކަން ކިޔާހިތްވާ ކަހަލަ ގޮތަކަށެވެ. އެހެންކަމުން، އެއިން، ކިއުންތެރިންނަށް އަސަރުކުރެއެވެ. ނަމަވެސް އެ ވާހަކަތަކަކީ، ޚިޔާލީ ވާހަކަތަކެކެވެ. އޭގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޝައިޚު ދެއްވި ޖަވާބު:

އެފަދަ ވާހަކަތަކަކީ، ދީނީ ނުވަތަ އަޚުލާޤީ ނުވަތަ އިޖުތިމާޢީ މައްސަލައަކަށް ޙައްލު ހޯދާދޭ އެއްޗެއް ކަމަށް ވަނީނަމަ، އެޔަކު މައްސަލައެއް ނެތެވެ. އެހެނީ، ޙަޤީޤަތާ ޚިލާފު، ޚިޔާލީ ވާހަކަތައް ހަދައިގެން މިސާލު ޖަހައި އުޅުމަކީ، މައްސަލައެއް އޮތްކަމެއް ނޫނެވެ.

ކީރިތި ޤުރުއާނުގައި ޖައްސަވާފައިވާ ބައެއް މިސާލުތަކުގެ ތެރޭގައި، ޙަޤީޤަތެއް ނެތް ވާހަކަ ވާކަމަށް، ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ނަމަވެސް، މާތްﷲ އެއިން މިސާލު ޖައްސަވާފައި ވެއެވެ. އެފަދަ މިސާލު ޖެއްސެވުމެއް، އައްނަޙުލު ސޫރަތުގެ 76 ވަނަ އާޔަތުގައި ވެއެވެ. އެއާޔަތަކީ: (وَضَرَبَ اللّهُ مَثَلاً رَّجُلَيْنِ أَحَدُهُمَا أَبْكَمُ لاَ يَقْدِرُ عَلَىَ شَيْءٍ وَهُوَ كَلٌّ عَلَى مَوْلاهُ أَيْنَمَا يُوَجِّههُّ لاَ يَأْتِ بِخَيْرٍ هَلْ يَسْتَوِي هُوَ وَمَن يَأْمُرُ بِالْعَدْلِ وَهُوَ عَلَى صِرَاطٍ مُّسْتَقِيمٍ) މިއެވެ. މާނައީ، “ދެ ފިރިހެނެއްގެ މިސާލުން، ﷲ، މިސާލު ޖެއްސެވިއެވެ. އެ ދެ މީހުންކުރެ، އެކަކީ، އެއްވެސް ކަމެއްގެ މައްޗަށް ކުޅަދާނަވެގެން ނުވާ މަންމަނެކެވެ. އަދި އޭނާއީ، އޭނާގެ ސާހިބުމީހާގެ މައްޗަށްވާ ބުރައެކެވެ. އޭނާ ކުރިމަތިކޮށްފި އެއްވެސް ދިމާއަކުން، ހެޔޮކަމަކާއިގެނެއް ނާދެތެވެ. އެމީހާއާއި، ސީދާވެގެންވާ ތެދުމަގުގައި ހުރެ، އިންޞާފަށް އަމުރުކޮށް އުޅޭ މީހަކާ ހަމަހަމަވެގެންވާނޭ ހެއްޔެވެ؟”

މިކަންކަން މިހެން އޮތުމާއެކު، ޙަޤީޤަތާ ޚިލާފު ވާހަކަތައް ލިއުމަކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އެހެނީ، އޭގެ މަޤުޞަދަކީ، ކަމަކަށް (އެބަހީ: މީސްތަކުންނަށް މަންފާހުރި ހެޔޮ ކަމަކަށް) ބާރުއެޅުމެވެ.

(ނިމުނީ)

1 Comment

  1. mujey says:

    Mi article dhakan vee raajeyga democratice vegen ulhey noosverinah.

Leave a Reply