އުނދުޅީގައި ދަނޑިލުމަކީ ކޮންކަހަލަ ކަމެއް؟

މަޒުމޫނު | admin | November 28, 2009 at 12:36 am

societyއިސްލާމްދީނުގެ ޙުކުމްތަކާމެދު ބަޙުޘުކުރެވޭ ފަދަ ދީނީ ޢިލްމުވެރިކަމެއް އަޅުގަނޑުގެ ކިބަޔަކު ނެތެވެ. އެކަމަކު ދީނަށް އުޅުމުގެ ވިސްނުންތެރިކަމެއް އަޅުގަނޑުގެ ހިތުގައި އެބަ އޮތެވެ. އިސްލާމްދީނަކީ، ހުރިހާ އިންސާނުންނަށްޓަކައި ބާވާލެއްވި ދީންކަން ގަބޫލު ކުރުމުގެ ފިކުރު އަޅުގަނޑުގެ ސިކުނޑީގެ އެންމެ ފުނުގައި ބިންވަޅު ނެގިފައިވެ އެވެ.

ދީނުގެ ޢިލްމުވެރިންގެ ގޮތުގައި އަޅުގަނޑު މެންނަށް ފެންނަމުން އައީ އެކި ދުވަސްވަރު އެކި ބޭފުޅުންނެވެ. ކިޔެމުން އައީ އެކި ދުވަސްވަރު އެކި ދަންނަ ބޭކަލުން ލިޔުއްވާފައިވާ ލިޔުއްވުންތަކެވެ. އިވެމުން އައީ އެކި ބޭފުޅުންގެ އެކި ތަޤުރީރުތަކެވެ. މި ފެނުންތަކާއި. އިވުންތަކުން ލިބިދިން މައިގަނޑު އެއް ނަތީޖާ އެއް ދަންނަވާލަމެވެ. ހުރިހާބޭފުޅުންގެ ވާހަކަފުޅުން ވެސް ފައިދާވާ އެއް މޭވާއެއް ހުށަހަޅާލަމެވެ. އެއީ ”އިސްލާމްދީނަކީ، ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ދީނެވެ. މާތްﷲގެ ޙައްޤު ދީނެވެ. އެދީން ހުރިހާ ޒަމާނަކަށް ހުރިހާ ތަނަކަށް ފެތޭނެ އެވެ. އެއީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިއްބައިދެނިވި ދީނެވެ.”

ކަންމިހެން އޮތްކަމުގައި ވާނަމަ، އިސްލާމްދީނަކީ ހުރިހާ ހެޔޮ ކަމެއްގެ އަސްލުތާ އެވެ. ހުރިހާކުރިއެރުމެއްގެ ސިއްރުތާ އެވެ. ހުރިހާ ޞުލްޙަޔާކާއި މަސަލަސްކަމާއި، އަމާންކަމެއްގެ ފުރާނަތާ އެވެ.

ޝައްކެއްނެތެވެ. ޙަޤީޤަތަކީ މި އެވެ. އެކަމުގެ ހެކިތައް ގިނަގުނަ އެވެ. ދަންނަބޭކަލަކަށް ނުވިޔަސް، ދަންނަބޭކަލުން ލިޔުއްވާފައި ހުންނަ ބައެއް ފޮތް ކިޔަން ދަންނަ އަދި އެ ފޮތްތައް ކިޔައި ވިސްނާ މީހެއްގެ ހައިސިއްޔަތުން ބައެއް ހެކި ހުށަހަޅައިލެވޭތޯ ބަލާނަމެވެ. އިސްލާމްދީން އައިސް ހިލަޔަށް އަޅުކަން ކުރަންތިބި މައްކާގެ މުޝްރިކުންނަށް އެ ކަން ދޫކޮށްލައި އެއްކައުވަންތަކަމަށް ހެކިވުމަށް އަމުރު ނުކުރި ނަމަ، ބިމުގެ ފަރުބަދަތަކާއި، ބިމުގެ ސިއްރުތަކުގެ ސައިންޓިފިކު ޙަޤީޤަތައް ހޯދާކަށް އަދި ވެސް އެމީހުންނަކަށް މަގެއް ނުފެނުނީ ހެވެ. ހަމަ އެހެންމެ އިރުހަނދަށް ސަޖިދަ ޖަހައި އުޅުނު އިންސާނާއަށް ހަނދަކަށް ވާޞިލެއް ވެސް ނުވެވުނީހެވެ. ކޮންމެ ތަރިޔަކީ މުޤައްދަސް މާތް އެއްޗެއްކަމުގެ ޢަޤީދާގައި އަދި އަދަށް ދާންދެން އިންސާނުން ދިރި އުޅޭނަމަ، ދިރާސާކޮށް ހޯދޭ ޢިލްމެއްގެ ގޮތުގައި އެސްޓްރޮނޮމީ ތަރައްޤީ ނުވީސްކަން ވެސް ކަށަވަރެވެ. ހަޤީޤަތުގައި މިހުރިހާ ކަމަކަށް މަގުފަހިކޮށްދީ، ކާއިނާތުގެ މައްޗަށް ބުއްދިޔާއި ލޯ ހުޅުވައިލުމަށް ގޮވައިލި ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީން އައިސް މި ކަންކަން މިހެން ބަދަލު ކުރި އިރު، އެ ދީން ނުފޯރާ ތަންތަނުގެ ހާލަކީ ކޮބައިތޯ އެވެ. ދުނިޔެއަކީ ވައް އެއްޗެކޭ ބުނެގެން އެއީ ކާފިރެއްކަމުގައި ބަލައި ނަޞާދީނުގެ ފާދިރީން މީހަކުދަން ޖައްސައި މަރާލި ނޫންތޯ އެވެ.

ކަންމިހެން އޮތް އިރު، މުސްލިމުންގެ ޢަދާވާތްތެރިން އެމީހުންގެ އެ އަނދިރި ޒަމާން މި އަދު ދޫކޮށްލައިފި އެވެ. އެ މީހުން އެމީހުންގެ އެ ކަޅުމާޒީ ހަނދާން ނައްތައިލައިފި އެވެ. ޚަލީފާ ހާރޫނު ރަޝީދުގެ ޒަމާނުގައި މުސްލިމުން އުފެއްދި ގަނޑިއެއް ފަރަންސޭސި ރަސްކަލަކަށް ވެދުމަށް އެރުވުމުން، އެގަޑިންޖަހަންފެށި ވަގުތު، އޭގެ ތެރޭގައި ޝައިޠާނެއް އެބަ އުޅެޔޭ ވިދާޅުވެ އެރަދުންގެ އަމުރުފުޅަށް އެ ގަޑި ކަނޑު ފެއްތުނު ވާހަކައަކީ މަޝްހޫރު ވާހަކަ އެކެވެ. މި އަދު މުސްލިމުންގެ އެ ރަންޒަމާނާއި ސައިންސް ކޮބައިތޯ އެވެ؟ އޭރު އެ ފަދަ ހުރިހާ ރޮނގަކުން މުސްލިމުން އެންމެ ކުރީގައި އޮވެފައި، އެ ނޫން މީހުން އެ ފަދަ ބޮޑު ޖާހިލުކަމެއްގައި އޮތް އޮތުން މި އަދު ކޮބައިތޯ އެވެ؟ މި ކަންކަން ފުރޮޅިގެން ދިޔައީ ކިހިނެއް، ކީއްވެތޯ އެވެ؟
މި އަދު މުސްލިމުން ނިކަމެތީންނަށްވެ، އެ ނޫން މީހުން ބާރުވެރީންނަށް ވެއްޖެ އެވެ. މުސްލިމުން ޖާހިލުންނަށްވެ، އެ ނޫން މީހުން ޢިލްމުވެރިންނަށް ވެއްޖެ އެވެ.

މީގައި އެތައް ސަބަބެއް އެބަ އޮތެވެ. އެކަމަކު މި ލިޔުމުގައި އަޅުގަނޑު ފާހަގަ ކޮށްލާނީ އޭގެ ތެރޭން އެއްސަބަބެވެ. އެއީ އެންމެ ފަހުން ބޭއްވުނު އޯ އައި ސީ ސަމިޓުގެ ރިޕޯޓުގައި ވެސް ހިމަނުއްވާފައި އޮތް ސަބަބެކެވެ.

ކޮންކަމެއްތޯ އެވެ؟ ޖާހިލުކަމެވެ. އެކަން އުފެދިގެން އަންނަނީ އިޤުތިޞާދީ ސަބަބުތައް ވެސް ހިމެނިގެންނެވެ. ފަގީރުކަމާއި، ނުފުދުންތެރިކަމުގެ ތެރެއިންނެވެ. ސިޔާސަތާއި ލާދީނީ ޙަރަކާތްތަކުގެ ވެސް ސަބަބުންނެވެ. ކޮންމެއަކަސް ޖާހިލުކަމުގެ އޮށުން ފަޅަނީ، ބޮޑާކަމުގެ ގަހެވެ. އޭގެ މޭވާއަކީ ހަރުކަށިކަމެވެ. އެ މޭވާގެ ލައްޒަތަކީ، ފަސާދައެވެ. އޭގެ ވިޓަމިނަކީ ކަންދެއްކުމެވެ. އޭގެ ހަކަތައަކީ ޓެރަރިޒަމެވެ.

ނިކަން ބައްލަވާށެވެ! ބޮޑުކަންނެއްޔަށް ގޮސް ގޮސް ހުއްޓާ ބޮޑު ދަންނަ ބޭކަލަކަށްވަނީ ކިތައް ދިވެހިންތޯ އެވެ؟ ބަލައިގެން ތަޖުވީދު މަގަށް ސޫރަތުލް ފާތިޙާ ކިޔަން ނޭނގޭ ޙާލު ދީނުގެ ޙަރާމް ޙަލާލު ބުނެދީ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކުން ދީނުގެ ޙުކުމްތައް ބަޔާން ކޮށްދެނީ ކިތައްމީހުންތޯ އެވެ؟ ކިޔަވަން ދުވަހަކު މަދަރުސާޔަކަށް ނުގޮސް ތިބެ، ދޫނުބައިކަމާއި، ހަޑި މުޑުދާރުކަމާއެކު، ”ކީރިތި ރަސޫލާގެ ސުންނަތަށް” އުޅެނީ ކިތައް ކުޑަކުދިންތޯ އެވެ. މި ހުރިހާ އުމުރެއްގެ ހުރިހާ ޖަޒުބާތެއްގެ މީހުންގެ ކިބައިން ދީނުގެ އަސްލާ ޚިލާފު އެތައް ވާހަކައެއް ވިހައިގެން ބޮޑުވެގެން މުޖުތަމަޢުގެތެރެއަށް ނިކުމެ އެވެ. ދީނުގެ ނަމުގައި ނުކުންނަ ބަފައިނުކަށަވަރު ވާހަކަ އެވެ. އެހެންވީމާ އެ ވާހަކަތައް ވާނީ ނަހަލާލު ވާހަކަތަކަށެވެ. މި ފަދަ ވާހަކަތަކުގެ ތެރޭގައި ވަރަށް ނުބައި ޖިންސީވާހަކަތައް ވެސް ހިމެނެ އެވެ. އަނބި މީހާ ފިރިމީހާޔަށް ޖާރިޔާއިން ހޯދައި ދިނުން ފަދަ ވާހަކަތަކެވެ. ހަމަބުއްދިން ވިސްނާލިޔަސް، މުޅީން ދީނާ ޚިލާފު ވާހަކަތަކެވެ.

މީގެ އިތުރަށް ދީނުގެ ރޫޙާ ގާތްކުރާ ބައެއް ވާހަކަ ވެސް ދެކެވެ އެވެ. ނަމަ ވެސް އެ ވާހަކަތައް ދެކެވެނީ މުޅީން ނުބައިކޮށެވެ. މި ސާލަކަށް ދީނުގައި ހިމެނޭ އިޚްތިލާފީ މައްސަލަތަކެވެ. އެ ކަންކަން އެގޮތުގައި ލެއްވުން އެއީ ރަޙްމަތެއްކަމުގައި މާތް ނަބިއްޔާ އަންގަވައިފައިވާ އެތައްކަމެކެވެ. މި ފަދަ މީހުންގެ ސަބަބުން އެކަންކަން ވަނީ އާފަތަކަށެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތައް ބަޔާންކުރުމުގެބައި ޢިލްމުވެރިން މައިގަނޑު ދެބަޔަކަށް ބައްސަވަ އެވެ. އެއީ އުސޫލީ ބަޔާއި ފަރުޢީ ބައެވެ. އުސޫލީ ބައިގެ އެއްވެސް ކަމެއްގައި ޚިލާފެއް ނެތެވެ. ތަފާތެއް ނެތެވެ. އެއްވެސް ޒަމާނެއްގައި ދެ ބަސްވުމެއް ނެތެވެ. ރެޔާ ދުވާލު ކުރުމަށް ފަރުޟު ކުރައްވާފައިވަނީ ފަސްނަމާދުތޯ ނުވަތަ ތިން ނަމާދުތޯ މިއީ ދުވަހަކު ވެސް އުފެދުނު ސުވާލެއް ނޫނެވެ. ނުވެސް އުފެދޭނެ އެވެ.

ނަމަވެސް ފަރުޢީ ބަޔަކީ އޭގެ ޒާތުގައި ވެސް ޚިޔާލު ތަފާތުވުމަށް ފުރުޞަތު އޮތް ބައެކެވެ. އޭގައި އެތައް ސަބަބެއް ވެއެވެ. އެ ސަބަބުތައް ބަޔާން ކުރައްވާނީ ދީނުގެ ޢިލްމުވެރިންނެވެ. އަޅުގަނޑު ހަމައެކަނި ދަންނަވާލަން ބޭނުންވަނީ، މިދެންނެވި ފަދައިން މިބައިގައި ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެވަޑައިގެންފައި ވަނީ އިއްޔެއަކު މި އަދަކު ނޫންކަމެވެ. އަދި މި ތަފާތު ތަކަކީ މުޅީން ނައްތާލެވޭނެ ތަފާތު ތަކެއް ވެސް ނޫންކަމެވެ. ދީނުގެ އިތުބާރުހުރި ތަޤުވާވެރި ބޮޑެތި ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތެއްކަމަށްވަނީ މި ފަދަ މައްސަލަތަކުގެ ގޯނި ތުންމޮހާލައި އާންމުންގެ ތެރެއަށް އޮއްސާނުލުމެވެ. އެއީ ހަމައެކަނި ޢިލްމުވެރިން ބަޙުޘު ކުރާ ކަމެއްގެގޮތުގައި ބޭއްވުމެވެ. ސަބަބަކީ އާންމުންނަށް ނުވަތަ ދީނުގެ ޢިލްމު ފުންކޮށް ލިބިފައި ނެތް މީހުންނަށް މި ފަދަކަންތައްތަކުން، އެގަހުކޭލެއް މިގަހު ކޭލެއް ވަކި ނުވާނެތީ އެވެ. ރާގޮނޑިއެއް ރާގޮނޑިކޮއްޔެއްވަކި ނުވާނެތީ އެވެ. ފިތުނައިގެ އަލިފާން ރޯވާނެ ތީ އެވެ. މުޖުތަމަޢުގައި ވިހަ އުފެދޭނެތީ އެވެ. ހަރުކަށިކަމާއި ޒުވާބާއި ދެބަސްވުންތައް ކެކިގަންނާނެތީ އެވެ. ފަތިސްނަމާދަށް އިމާމާ ބަންގި ގޮންވަން ދިޔައިރު ރައްޔިތުން ނިކުމެ މިސްކިތްތަޅުފައިފައި ހުރީކިތައް ރަށުގައިތޯ އެވެ؟ ކޮންމައްސަލައެއްގައި ތޯ އެވެ. ފަތިސް ނަމާދުގެ ޤުނޫތުގެ މައްސަލައިގަ އެވެ. އިމާމާޔަށް މުހިންމު ކަންދެވެނީ ނަމާދަށް ނައިސް ނިދަންތިބި މީހުން ނަމާދު އަޅާ މައްސަލަޔަށްވުރެ ފަތިސް ނަމާދުގެ ޤޫނޫތު ކިޔަން ރަށުގެ ބަޔަކު ބުނާތީ އެކަމެވެ. މިސްކިތް ބަންދު ކުރި މީހުންގެ ވެސް ހާލަކީ މިއެއް ނޫންތޯ އެވެ. އިސްކަން ދޭންވީ ކޮންކަމަކަށްތޯ އެވެ. ފަތިސް ނަމާދަށްތޯ އެވެ. ނޫނީ ޤުނޫތާ މެދު ވޯޓެއް ނަގަންތޯ އެވެ؟
ކޮންމެއަކަސް، މި ފަދައިން ހުރި ކަންކަމުގައި އަޅުގަނޑުމެން އެކަކު އަނެކާކާ ޒުވާބުކޮށް އަޅުގަނޑުމެންގެ ޙަޤީޤީ ޒިންމާތައް ދޫކޮށްލެވޭކަން ކިހައި ދެރަތޯ އެވެ؟ އިޚްތިލާފީ މައްސަލަ ތަކުގައި ދެބަސްވުކީ، ދުވަހަކު ވެސް އޭގެ ހައްލަކަށް ދެވޭނެ ކަމެއް ނޫނެވެ. އެކަން އަބަދުވެސް އޮންނާނީ ދެކޮޅަށް ކރިކިރި އެވެ. އެއީ ފިތުނަޔާއި ހަސަދަ ފިޔަވައި ނަތީޖާއެއް ނެތް ބޭކާރު ޖަދަލެކެވެ.

މުސްލިމުންގެ މި އަދުގެ މި ހާލަތަށް ބަލައިފައި އަޅުގަނޑު ހިތަށް އަރަ އެވެ. ޣައިރު މުސްލިމުން މުޅި ދުނިޔެ އެމީހުންގެ މުށުތެރެއަށްލައިފި އެވެ. އިރުހަނދާއި ތަރިތަކަށް ދަތުރުކޮށްފި އެވެ. ފަންނީ އުސްކުރިބޯށިތަކަށް އުފުލިލައި، ޢިލްމީ ފުންކަނޑުތަކަށް ފީނައިފި އެވެ. މި ހިސާބަށް ކަންތައް ދިޔައިރު، އަޅުގަނޑުމެން މުސްލިމުންގެ ޙާލަކީ ކޮބައިތޯ އެވެ؟ އަޅުގަނޑުމެން މި ތިބީ އުނދުޅީގައި ދަނޑިލުމަކީ ހުއްދަކަމެއްތޯ ނުވަތަ ހަރާމްކަމެއްތޯ ނުނިންމިގެން އެކަމުގެ ޒުވާބުގައި އަޑުކުރެހިފަ އެވެ.
ނިމުނީ

Leave a Reply