އިސްލާމްދީނާއި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުން

މަޒުމޫނު | admin | November 29, 2009 at 3:21 am

america-9-11

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީނަކީ ޞުލްޙަމަސަލަސްކަމުގެ ދީނެވެ. އެދީނުގެ ނަން “އިސްލާމް” ގެ މާނައަކީ ވެސް ޞުލްޙަމަސަލަސްކަމާއި ﷲގެ އަމުރުފުޅުތަކަށް ބޯލެބުމެވެ. އެދީން ގޮވައިލަނީ އެންމެން ޞުލްޙަމަސަލަސްކަމުގައި ﷲގެ އަޅުންގެ ގޮތުގައި ދިރިއުޅުމަށެވެ. އެންމެން އެއްބާރުލައިގެން ދުނިޔެ އާރާސްތު ކުރުމަށެވެ. އެހެންކަމުން މި ރިސާލަތާ ޚިލާފުވާ އެއްވެސްޢަމަލެއް ކުރުމަކީ ނުވަތަ ކުރަން ރޭވުމަކީ ދީން މަނާކުރާކަމެކެވެ.

:ޓެރަރިޒަމާ ހައްދުފަހަނަޅާދިޔުމާ ދެކޮޅު ނެހެދުމަކީ ޤައުމު ހަލާކަށް ހުށައަޅާފަނިވި ކަމެއް

އެއްވެސް ޝައްކެއްނެތްގޮތުގައި ޓެރަރިސްޓުންނާއި ހައްދުފަހަނަޅާފައިވާމީހުންގެ ޢަމަލުތަކާއި ބަސްތަކަކީ އަދި އެމީހުންނަށް ދީންރަނގަޅަށް ނުވިސްނޭކަމަކީ އިސްލާމްދީނުގެ ސަމާހަތާއި ލުއިފަސޭހަކަމާއި ޓޮލަރެންސާ އަރާރުންވާ ކަމެކެވެ. ބާވައިލެއްވި ސަމާވީ ހުރިހާދީންތަކަކަށް ބަލައިލާ އިރުގައިވެސް ފެންނަނީ ޝަރްޢުގައިވާ އެންމެހާ އަޅުކަންތައް އަދާކުރުމުގައްޔާއި އިޖްތިހާދީ މަސްއަލަތަކުގައި ހައްދުފަހަނަޅާ ދިޔުމާ، އެދީންތައް ދެކޮޅުހަދާ ތަނެވެ. އަދި ތިމާގެ ރައުޔާ ޚިލާފުވާ ނުވަތަ ތާއީދުނުކުރާ މީހުންނާމެދު ހަރުކަށިނުވުމަށް ގޮވައިލާ ތަނެވެ. ދީނުގެ ފަރްޢީމަސްއަލަތަކުގައި ނުވަތަ އިޖްތިހާދީ މަސްއަލަތަކުގައި ރައުޔު ތަފާތުވުމުން ދޭހަވަނީ ދީނުގެ ވިލުންތެރިކަމެވެ. ދީނުގެ ޙުކުންތައް ކޮންމެ ޒަމާނަކަށާއި ކޮންމެ ސަރަޙައްދަކަށް އެކަށީގެންވާ ކަމެވެ. ދީނުގައި ބުރަކަމެއް، ދަތިކުރުމެއް ނެތްކަމެވެ. ދީނުގައިވާ ޙަލާލުކަންތައްތަކާއި ޙަރާމްކަންތައްތަކަކީ ކަނޑައެޅި ބަޔާންވެގެންވާ ކަންތައްތަކެކެވެ. އެކަމުގައި ޢިލްމުވެރިންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތެވެ.

މި އުޞޫލުތަކާ ޚިލާފަށް ހަރުކަށިވެ ހައްދުފަހަނަޅާ ދިޔުމަކީ އެކަމުގެ ނުބައި އަސަރު މުޅިއިންސާނިއްޔަތަށާއި މުސްލިމުންނަށާއި އިސްލާމްދީނަށް ފޯރާނެކަމެކެވެ. މިކަމުގެ ސަބަބުން އިސްލާމްދީނުގެ ރިވެތި ތަޞައްވުރު ދުޝްމަނުންގެ ކުރިމަތީގައި ހުތުރުވެގެންދިޔުމަށް މަގުފަހިވެއެވެ. އަދި މިކަމުގެ ސަބަބުން މުސްލިމުންގެ ރިވެތިޞޫރަ ހުޅަގުގެ ކުރިމަތީގައި ކިލާވެގެން ދެއެވެ. قال الله تعالى: (وَاتَّقُواْ فِتْنَةً لاَّ تُصِيبَنَّ الَّذِينَ ظَلَمُواْ مِنكُمْ خَاصَّةً وَاعْلَمُواْ أَنَّ اللَّهَ شَدِيدُ الْعِقَابِ) الأنفال: 25،

“އަދި ތިޔަބައިމީހުން ފިތުނައަކަށް ބިރުވެތިވެ ރައްކައުތެރިވާށެވެ! އެ ފިތުނައައިސް ޖެހިދާހށީ ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އަކަންޏެއްނޫނެވެ. އަދި ހަމަކަށަވަރުން ﷲއި ޢުޤޫބާތް ގަދަފަދަވެގެންވާ ކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ!”

ހ- އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި މިއާޔަތް ބާވައިލެއްވީ ކީރިތިރަސޫލާގެ އަޞްޙާބުންނާ ބެހޭގޮތުންނެވެ. މި އާޔަތުގައި މާތްﷲ މުއުމިނުންނަށް އަމުރުކުރައްވާފައި އެވަނީ މުސްލިމުންގެ ތެރޭގައި ހިމެނޭ މިފަދަ މުންކަރާތައް ބަލައިނުގަތުމަށެވެ. އެ ފަދަ މުންކަރާތްތައް ބަލައިގަންފިނަމަ އެކަމުގެ ސަބަބުން ފޮނުއްވާ ޢަޛާބު ޢާއްމުވެގެން ޝާމިލުވެގެން ހިގައިދާނެއެވެ.

ށ- މިއީ މުސްލިމުންގެ ތެރޭގައި، ދީނީ ހޭލުންތެރިކަން ފެތުރުމަށް ސާފުބަހުން ގޮވައިލާ ބަސްފުޅެކެވެ. އިންސާނީ އުޚުއްވަތްތެރިކަމާއި އެންމެން އެކުގައި ޞުލްޙަވެރިކަމާއެކު ދިރިއުޅުމަށްޓަކައި ބައްދަލުވުންތަކާއި ސެމިނާރުތައް ބާއްވަންޖެހޭނެކަން އެގޭބަސްފުޅެކެވެ. ފިކްރީ ޑައިލޯގާއި ޢިލްމީ ތަވާޞުލު އޮންނަންޖެހޭނެކަން ހާމަކޮށްދޭ ބަސްފުޅެކެވެ.

މިއިން އެގެނީ އުއްމަތް ހަލާކަށް ހުށައަޅައިފާނެ އަދި ޤައުމު ހަލާކަށް ވައްޓާލަފާނެ އެންމެހާ ނެގެޓިވް ޢަމަލުތަކާ ދުރުހެލިވާންޖެހޭނެކަމެވެ.

މި ބަސްފުޅުން ކަށަވަރުވަނީ އުއްމަތް އެކަތިގަނޑަކަށްވެ އެއްބާރުލާންޖެހޭނެ ކަމެވެ. ﷲގެ ވާފަށުގައި ހިފަހައްޓައިގެން ތެދުމަގު ގައި ހިގަންޖެހޭނެކަމެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ (مَثَلُ الْقَائِمِ عَلَى حُدُودِ اللَّهِ وَالْوَاقِعِ فِيهَا كَمَثَلِ قَوْمٍ اسْتَهَمُوا عَلَى سَفِينَةٍ فَأَصَابَ بَعْضُهُمْ أَعْلَاهَا وَبَعْضُهُمْ أَسْفَلَهَا فَكَانَ الَّذِينَ فِي أَسْفَلِهَا إِذَا اسْتَقَوْا مِنْ الْمَاءِ مَرُّوا عَلَى مَنْ فَوْقَهُمْ فَقَالُوا لَوْ أَنَّا خَرَقْنَا فِي نَصِيبِنَا خَرْقًا وَلَمْ نُؤْذِ مَنْ فَوْقَنَا فَإِنْ يَتْرُكُوهُمْ وَمَا أَرَادُوا هَلَكُوا جَمِيعًا وَإِنْ أَخَذُوا عَلَى أَيْدِيهِمْ نَجَوْا وَنَجَوْا جَمِيعًا) رواه البخارى والترمذى وأحمد،

“ﷲގެ ޙައްދުތައް ޤާއިމުކުރުންމަތީ ތިބޭމީހުންނާއި އެޙައްދުތަކަށް އަރައިގަންނަމީހުންގެ މިސާލަކީ އޮޑިއެއްގައި ދަތުރުކުރަމުންދާ ބައެއްގެ މިސާލެވެ. އޭގެތެރެއިން އެއްބަޔަކަށް ގުރުއަތުން ލިބުނީ އޮޑީގެ މަތީބައެވެ. އަނެއްބަޔަކަށްް ލިބުނީ ތިރީބައެވެ. ތިރީގައި އުޅޭމީހުން ފެންހޯދަން ވެއްޖެނަމަ މައްޗަށް އަރަންޖެހެއެވެެ. މިކަން އުދަނގޫވެގެން އެމީހުން ބުންޏެވެ. އަހުރެމެންގެ މަތީގައި އުޅޭމީހުންނަށް އުދަނގޫނުކޮށް އަހުރެމެންގެ ބައިގައި ލޯވަޅެއް އަޅައިގެން ފެން ނަގަމާ ހިގާށެވެ! އެމީހުން އެ އެދޭކަންތައް ކުރަން ދޫކޮށްލައިފިނަމަ އެންމެން ހަލާކުވެދާނެތެވެ. އެމީހުންގެ އަތުގައި ހިފާ އެކަން މަނާކޮށްފިނަމަ އެމީހުންވެސް އަދި އެހެން މީހުންްވެސް ސަލާމަތް ވެދާނެތެވެ.”

އެންމެން އެއްބަސްވާނެ ފަދައިން އޮޑީގައި ލޯވަޅެއް އަޅައިފިނަމަ މި ލޯވަޅުގެ ސަބަބުން އެންމެން ޣަރަޤުވެގެންދާނެއެވެ. މިކަން ވާނީ މުޅިމުޖްތަމަޢުގެ ހަލާކަށެވެ.

:ޓެރަރިސްޓުންނާއި ހައްދުފަހަނަޅާފައިވާމީހުން ގެ ޖަޒާ

ހ- ދުންޔަވި ޖަޒާ: އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ފަސްކަމެއް ރައްކައުތެރިކުރުން ހިމެނެއެވެ. އެއީ ދީނާއި ނަފްސާއި ބުއްދިއާއި މުދަލާއި އަބުރެވެ.މިހެންވެ އިސްލާމްދީނުގައި މި މަޤްޞަދުތައް ރައްކައުތެރިކުރުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޙައްދުތަކަށް ބަލާއިރު މިޙައްދުތަކުގެ ބެނުމަކީ މިދެންނެވި މަޤްޞަދުތައް ރައްކައުތެރިކުރުމެވެ. ފުރާނައަށް ނުވަތަ މުދަލަށް ނުވަތަ އަބުރަށް އަރައިގަންނަމީހުންނަކީ ﷲއާއި އެކަލާނގެ ރަސޫލާއާ ދެކޮޅަށް ހަނގުރާމަކުރާ ބައެކެވެ. މާތްﷲ ވަޙީކުރައްވަނީ (إِنَّمَا جَزَاء الَّذِينَ يُحَارِبُونَ اللَّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَادًا أَن يُقَتَّلُواْ أَوْ يُصَلَّبُواْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْا مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ) المائدة :33،

“ﷲއާއި އެކަލާނގެ ރަސޫލާ އާ ހަނގުރާމަކޮށް އުޅޭމީހުންނާއި ބިމުގައި ފަސާދަކުރުމަށް މަސައްކަތްކޮށްއުޅޭމީހުންގެ ޖަޒާއެއްކަމުގައިވާކަން ކަށަވަރީ ، އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. ނުވަތަ ރަށުން ފޮނުވާލުމެވެ. އެއީ އެއުރެންނަށް ދުނިޔޭގައި ހުރި ނިކަމެތިކަމެވެ. އަދި އާޚިރަތުގައި، އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބުހުށްޓެވެ.”

ށ- އުޚްރަވީ ޖަޒާ: ޓެރަރިޒަމާއި ހައްދުފަހަނަޅާދިޔުމުގެ ސަބަބުން ދެވޭ ޙަމަލާތަކުގައި ނަތީޖައަށް ބަލާއިރު އެކަމުގެ ސަބަބުން

ފުލުހުންގެ ތެރޭގައި ހިމެނޭ އެންމެރަނގަޅު ޒުވާނުން މަރުވުން.

ފުލުހުންނާ ޓެރަރިސްޓުންނާ ދެމެދުގައި މަގުމަތީގައި ނުވަތަ ޢާއްމުތަންތާނގައި ބަދަލުކުރެވޭ ޙަމަލާތަކުގެ ސަބަބުން އެހިސާބުންލައިފާދާ ޢާއްމުންގެ އެތައްބަޔަކު މަރުވުން ނުވަތަ ޒަޚަމުވުން.

އެތައް އަންހެނުންނެއް ހުވަފަތްވުން.

އެތައް ކުދީންނެއް ޔަތީމުވުން.

ޓެރަރިސްޓް ޙަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ޚަބަރު ލިބުމުން ވޭނާއި ކެކުޅުންތައް ބަރުދާސްކުރަންޖެހޭމީހުންތައް.

ބޭނުމެއް ނެތި ބޭކާރަށް ދުއްވާލެވޭ ފައިސާ އާއި މުދާ.

އިސްލާމީ އުއްމަތަށް ލިބޭ ނުތަނަވަސްކަން.

އިސްލާމްދީނުގެ ދުޝްމަނުންގެ ކުރިމަތީގައި ދީނުގެ ތަޞައްވުރު ހުތުރުވުން.

ޓެރަރިސްޓްޢަމަލުތައް ހިންގޭ ބިމުގައ ދިރިއުޅޭމީހުންނަށް ލިބޭ ގެއްލުންތަކާއި އުފުއްލަންޖެހޭ ދުއްތުރާތައް.

ކުށެއް ނެތް އެތައްބައެއްގެ ލޭ ހުއްދަވެގެންދިޔުން.

މިފަދަ މިފަދަ އެތައް ނުރަނގަޅުއަސަރުތަކެއް ފޯރާނެކަން ކަށަވަރެވެ. މިހެންވެ ކީރިތިޤުރްއާނުގައި މީހުން ނުމެރުމަށާއި ގަސްތުގައި މީހުން މަރާމީހުންނަށް ބޮޑުވެގެންވާ ޢުޤޫބާތް ހުރިކަމުގެ އިންޒާރު ދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ (وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا) النساء :93،

“އަދި ގަސްތުގައި މުއުމިނަކު މަރާމީހާ ދަންނާށެވެ!ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި އަބަދަށް ދެމިހުންނަނިވިގޮތުގައެވެ. އަދި ﷲ ، އެމީހާގެ މައްޗަށް ކޯފާލައްވައި ލަޢުނަތްލެއްވިއެވެ. އަދި ބޮޑުވެގެންވާ ޢަޛާބު އެމީހާއަށް ތައްޔާރުކުރެއްވިއެވެ.”

އަދިވެސް ވަޙީކުރައްވަނީ (مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا) المائدة :32،

“ނަފްސެއް މަރައިގެން ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފިމީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ.”

މުއުމިނުންނަށް ގޯނާކުރުމަކީ ވަރަށް ނުބައިކަމެއްކަން ބަޔާންކޮށްދެއްވަމުން މާތްﷲ ވަޙީކުރައްވަނީ (وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا) الأحزاب : 58،

“އަދި އެއުރެން ކުރި ކުށަކާ ނުލައި މުއުމިނުފިރިހެނުންނަށާއި މުއުމިނުއަންހެނުންނަށް އުދަނގޫކުރާމީހުން ދަންނާށެވެ! ފަހެ، ހަމަކަށަވަރުން އެއުރެންނީ ބުހުތާން ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފިބައެކެވެ.”

ކީރިތިރަސޫލާގެ ސުންނަތުގައި މުސްލިމުން މެރުމަކީ ޙަރާންކަމެއްކަން ކަށަވަރުކޮށްދެއްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ (سِبَابُ الْمُسْلِمِ فُسُوقٌ وَقِتَالُهُ كُفْرٌ) رواه البخارى ومسلم والترمذى والنسائى وأحمد وابن ماجه والبيهقى والطبرانى

“މުސްލިމަކަށް އެއްޗެހި ކިޔުމަކީ ފާސިޤުކަމެކެވެ. އަދި އޭނާ އާ ހަނގުރާމަކުރުމަކީ ކުފްރެކެވެ.”

ކީރިތިރަސޫލާ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ޒިއްމީއަކަށް ( މިޒަމާނަށް ބަލައިރު އެއީ ޤަވާޢިދުން އިސްލާމީ ޤައުމަކަށް އަންނަ ޣައިރުމުސްލިމެވެ. ) ގޯނާކުރުމަކީ ރަސޫލުﷲގެފާނަށާއި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ގޯނާކުރުންފަދަކަމެކެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ (مَنْ آذَى ذِمِّياًّ فَقَدْ آذَانِى وَمَنْ آذَانِى فَقَدْ آذَى اللهَ) رواه الطبرانى

“ޒިންމީއަކަށް ގޯނަކުރިމީހާ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ގޯނާކޮށްފިއެވެ. އަދި ތިމަންކަލޭގެފާނަށް ގޯނާކުރިމީހާ ފަހެ، ހަމަކަށަވަރުން ﷲއަށް ގޯނާކޮށްފިއެވެ.”

މިބަސްފުޅުން ޒިންމީންނަށް ގޯނާކުރުމުގެ ނުބައިކަން ވަރަށްބޮޑަށް ހާމަވެގެންދެއެވެ. އެހެނީ ﷲއަށާއި އެކަލާނގެރަސޫލާއަށް ގޯނާކޮށްގެން ސަލާމަތްވެވޭނެ މީހަކު ނުހުންނާނެއެވެ.މުސްލިމުންނަށް ގޯނާކުރުމަކީ އަދި ޒިންމީންނަށް ގޯނާކުރުމަކީ އިސްލާމްދީނުގެ ސަމާޙަތާއި ޓޮލެރެންސާ އަރާރުންވާކަމެކެވެ. އެއީ ދީނުގެ ލުއިފަސޭހަކަމާއި ދީނުގެ ނަމާވެސް އަރާރުންވާކަމެކެވެ. ޣައިރުމުސްލިމުންނާ އެކު ވެސް މުޢާމަލާތުކުރަން ޖެހޭނީ ރިވެތިގޮތުގައެވެ. އެމީހުންނާއެކު މުޢާމަލާތުކުރަން ޖެހޭނީ އޯގާތެރިކަމާ އެކުގައެވެ. އެމީހުންނަށް ދީނަށް ގޮވައިލަންޖެހޭނީ ރިވެތިބަހުންނެވެ. ހަރުކަށިކަމެއް ނެތިއެވެ. އެމީހުން އަޅުގަނޑުމެންގެ ގާތަށް އަންނަނީ އަޅުގަނޑުމެންނަށްޓަކައެވެ. އަޅުގަނޑުމެންގެ ދަޢުވަތަކަށެވެ. އެމީހުން ރާއްޖެ އައުމުގައި އޮތީ ހަމަ އަޅުގަނޑުމެންގެ ލާބަޔާއި މަންފާއެވެ.

:މުސްލިމަކާ ދިމާޔަށް ސަމާސާޔަކަށްވެސް ހަތިޔާރެއް ދިއްކޮށްލުމަކީ ދީން މަނާކުރާކަމެއް

މާތްﷲރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން ރިވާވެގެންވެއެވެ. (لَا يُشِيرُ أَحَدُكُمْ إِلَى أَخِيهِ بِالسِّلَاحِ فَإِنَّهُ لَا يَدْرِي أَحَدُكُمْ لَعَلَّ الشَّيْطَانَ يَنْزِعُ فِي يَدِهِ فَيَقَعُ فِي حُفْرَةٍ مِنْ النَّارِ) رواه مسلم والبيهقى

“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއާ ދިމާޔަށް ހަތިޔާރު ދިއްނުކުރާހުށިކަމެވެ. ފަހެ، އޭނާގެ އަތުން ޝައިޠާނާ އެޖަހައިނުގަންނާނެކަން އެގެނީ ކާކަށްހެއްޔެވެ؟ އެކަމުގެ ސަބަބުން އޭނާ ނަރަކައިގެ ވަޅުގަނޑަކަށް ވެއްޓިދާނެތެވެ.”

އެހެންބަސްފުޅެއްގައި ޙަދީޘްކުރައްވަނީ : (مَنْ أَشَارَ إِلَى أَخِيهِ بِحَدِيدَةٍ فَإِنَّ الْمَلَائِكَةَ تَلْعَنُهُ حَتَّى يَدَعَهُ) رواه مسلمو الطبرانى

“ދަގަނޑު ބުރިއަކުން އޭނާގެ އަޚާއާ ދިމާއަށް ދިއްކުރިމީހާ، އެކަންތައް ހުއްޓާލައިފުމަށްދާންދެން، މަލާއިކަތުން އޭނާއަށް ލަޢުނަތް ލެއްވުމަށް ދުޢާކުރައްވާނެތެވެ.”

: އިސްލާމްދީން ގޮވައިލަނީ ލުއިފަސޭހަކަމަށާއި ބުރަނުކުރުމަށް

އިސްލާމްދީން ގޮވައިލަނީ ހަމައެކަނި ހަރުކަށިކަމާއި ހައްދުފަހަނަޅާދިޔުމާ ދުރުހެލިވުމަކަށް ނޫނެވެ. މީގެއިތުރަށް މީހުންނާއެކު މުޢާމަލާތުކުރާ އިރު އޯގާތެރިވުމަށާއި ރިވެތިބަހުން މީހުންނަށް ކަންތައްތައް އޮޅުންފިލުވާދިނުމަށް ގޮވައިލައެވެ. ކީރިތިރަސޫލާ ދީނަށް ގޮވައިލެއްވުމަށްޓަކައި މުޢާޛުގެފާނާއި އަބޫ މޫސަލްއަޝްޢަރީ ޔަމަނަށް ފޮނުވަމުން ދެއްވި ނަޞީޙަތްޕުޅުގައިވަނީ މީސްތަކުންނަށް ހެޔޮޚަބަރުދެއްވުމަށާއި، މީސްތަކުން ދީނަށް ޝައުޤުވެރި ކުރެއްވުމަށާއި ދީނަށް ނަފްރަތްތެރިވެދާނެ އެއްވެސްކަމެއް ނުކުރެއްވުމަށާއި ދީން އުގަންނާދެއްވުމުގައި މަޑުމަޑުން ކުރިއަށް ވަޑައިގެންނެވުމަށެވެ. ރަސޫލުﷲގެފާނު ވިދާޅުވާގޮތުގައި އޯގާތެރިކަމަކީ ވަރަށް މުހިއްމު ސިފައެކެވެ. ކަމެއްގައި އޯގާތެރިކަން ހިމެނިއްޖެނަމަ އެކަމެއް ޒީނަތްތެރިވެދާނެކަމަށާއި ، ކަމަކުން އޯގާތެރިކަން ދުރަށްލެވިއްޖެ ނަމަ އެކަމެއް ހުތުރުވެގެންހިގައިދާނެކަމަށް ރަސޫލުﷲގެފާނު އެންގެވިއެވެ. އެކަލޭގެފާނުގެ ބަސްފުޅަކީ (إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ) رواه مسلم وأحمد

:މުސްލިމުން ބިރުގެންނެވުމަކީ އިސްލާމްދީން ނަހީކުރާކަމެއް

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވަނީ (لَا يَحِلُّ لِمُسْلِمٍ أَنْ يُرَوِّعَ مُسْلِمًا) رواه أبو داود وأحمد

“މުސްލިމަކަށް މުސްލިމަކު ބިރުގެންނެވުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.”

ރަސޫލުﷲގެފާނު، މިބަސްފުޅު ވިދާޅުވީ އެކަލޭގެފާނު ކުރެއްވި ދަތުރެއްމަތީގައި، ދަތުރުގެ ބައިވެރިއަކަށް ނިދުމުން ބަޔަކުމީހުން އޭނާގެ ދުނިދަނޑިނަގާ ފޮރުވުމުންނެވެ. އެމީހާ ތެދުވެ ދުނިދަނޑ ނުފެނުމުން އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެހިދު މިކަންކުރިމީހުން ހޭން ފެށްޓެވެ.އެމީހުން މިހެނީ ކީއްވެގެންތޯ ރަސޫލުﷲގެފާނު ސުވާލުކުރެއްވުމުން އެމީހުން މި ކުރިކަންތަކުގެ ވާހަކަ ދެންނެވިއެވެ. އެހިނދު މަތީގައި މިދެންނެވި ބަސްފުޅު ވިދާޅުވިއެވެ. މިވަރުގެ ކުޑަކަމެއް ވެސް ނުކުރުމަށް މިވަނީ އަންގަވައިފައެވެ. ސަމާސާކުރުމުގެ ގޮތުން މީހެއްގެ ފައިވާން ކިނބައެއް ފޮރުވައިގެން ރަސޫލާ ޙަދީޘްކުރައްވަނީ (لا تروعوا المسلم فإن روعة المسلم ظلم عظيم) – الترغيب والترهيب

“މުސްލިމުން ބިރުނުގަންނުވާށެވެ. ފަހެ ހަމަކަށަވަރުން މުސްލިމަކު ބިރުގެންނެވުމަކީ ބޮޑުވެގެންވާ އަނިޔާވެރިކަމެކެވެ.”

މިކަމާބެހޭގޮތުން އިތުރަށް ޙަދީޘްކުރައްވަނީ (من نظر إلى مسلم نظرة يخيفه فيها أخافه الله تعالى يوم القيامة) – رواه الطبرانى

“މުސްލިމަކާ ދިމާއަށް އޭނާ ބިރުގަންފާނެ ގޮތަކަށް ބަލައިލި މީހާއަށް ޤިޔާމަތް ދުވަހު އަރަހުށި ﷲ ބިރުވެރިކަމުގެ ނަޒަރަކުން ބައްލަވައި ވޮޑިގަންނަވާނެއެވެ.]

:ޙައްދުފަހަނަޅާދިޔުމާއި ޓެރަރިޒަމުން ރައްކއުތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް

ހ- ދީނީ ހޭލުންތެރިކަން އިތުރުކުރުން: ދީނީ ތަޢުލީމުދޭ މުއައްސަސާތަކާއި މަދްރަސާތަކާއި މީޑިޔާގެ ދައުރު މިކަމުގައި ވަރަށް ބޮޑެވެ. ދީނީ މަޢުލޫމާތު ހޯދަންޖެހޭނީ އެކަމުގެ ތަޖްރިބާކާރުންނާއި ސްޕެޝަލިސްޓުންގެ ކިބައިންނެވެ . ފަތުވާދެއްވާބޭފުޅުން ފަތުވާދެއްވަންވާނީ އެކަމަށް ޒިންމާދާރުވެގެންނެވެ. އޭނާގެ ފަތުވާއާމެދު ﷲގެ ޙަޟްރަތުގައި ޤިޔާމަތްދުވަހު ޖަވާބުދާރީވާންޖެހޭނެކަން ދަނެގެންނެވެ. ރަސޫލާގެ ޒަމާނުގައި ނޭގި ފަތުވާއެއް ދިނުމުގެ ސަބަބުން މީހަކު މަރުވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވީ ކީކޭތޯއެވެ؟ “ތިޔަބައިމީހުން އޭނާ މަރައިލީއެވެ.” މާތް ﷲ ވަޙީކުރައްވަނީ (فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ) النحل : 43،

“ތިޔަބައިމީހުންނަށް އެގޭކަމުގައި ނުވާނަމަ ޢިލްމުގެ އަހްލުވެރިންނާ ތިޔަބައިމީހުން ސުވާލުކުރާށެވެ!”

ށ- ވަކި ފޮތްތަކެއް ނުކިޔުމާއި ވަކިފޮތްތަކެއް ކިޔުމުގެ އާދަ ދޫކޮށްލުން: ދީނީކަންތައްތަކުގައި ހައްދުފަހަނަޅާދާ މީހުންނަށް ބަލާއިރު އެމީހުންގެ ގާތުގައި ބައެއްޢިލްމުވެރިންނަކީ ޢިލްމުވެރިންނެއް ނޫނެވެ. ޢިލްމުވެރިންނަކީ އެމީހުންގެ ޚިޔާލުތަކާ ގުޅޭގޮތަށް ފަތުވާދެއްވާ ބޭފުޅުން އެކަންޏެވެ. ކަމެއް ރަނގަޅަށް އެގެންބޭނުންވާ ނަމަ އެކަމަކާ ނުވަތަ އެމަސްއަލައަކާ ބެހޭ ހުރިހާ ރައުޔުތަކެއް އެގެންޖެހޭނެއެވެ. ވަކި މަޛްހަބަކާ ބެހޭގޮތުން މަޢުލޫމާތު ހޯދާއިރު އެމަޛްހަބުގެ އަޞްލުފޮތްތަކަށް ރުޖޫޢަވާންޖެހޭނެއެވެ. އެ މަޛްހަބާ މެދު އެހެންމީހުން ދައްކާ ވާހަކަ އެހުމުގެ ކުރިންނެވެ.ވަކި މަޛްހަބަކަށް ސަނާކިޔާފައިވާ ފޮތްތައް ކިޔާ އިރު އެ މަޛްހަބަށް ފާޑުކިޔާފައިވާ ފޮތްތައްވެސް ކިޔަން ޖެހޭނެއެވެ.

ނ- ވަކި ރައުޔަކަށް ތަޢައްޞުބު ނުވުން: ވަކި ބަހަކަށް ނުވަތަ ރައުޔަކަށް ތަޢައްޞުބު ވުން ރަނގަޅުކަމަކަށް ވާނީ އެއީ ކަނޑައެޅިގެން ރަނގަޅުބަހަކަށް ނުވަތަ ރަނގަޅު ރައުޔަކަށް ވާނަމައެވެ. މިގޮތުން ބަލާއިރު ކަނޑައެޅިގެން ރަނގަޅުބަހަކީ ﷲގެ ބަސްފުޅުތަކާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތަކެވެ. ޢިލްމުވެރިން އިޖްތިހާދުކުރައްވައިގެން ގެނެސްދެއްވާފައިވާ ޙުކްމްތަކާއި ފަތުވާތަކަކީ ޒަމާނާ އެކު ބަދަލު އަތުވެދާނެ އެއްޗެކެވެ. މި ފަދަ މަސްއަލަތަކުގައި ތަޢައްޞުބުވުން ރަނގަޅުކަމަކަށް ނުވެ ހިގައިދާނެއެވެ. ތަޢައްޞުބުވެވެނީ ތިމާގެ ޢިލްމު މަދުކަމުން ކަމުގައި ވެދާނެއެވެ. ނުވަތަ ތަޢައްޞުބުވެވެނީ ތިމާގެ އެދުރުބެއާ ހެދިއެވެ. ނުވަތަ ތިމާ ކިޔާ ވަކި ފޮތްތަކެއްގެ ސަބަބުންނެވެ. ނުވަތަ ކޮންމެވެސް މަންފާއަކަށްޓަކައެވެ.ނަމަވެސް ތިމާގެ ތަޢައްޞުބުގެ ސަބަބުން ތިމާގެ ޚިޔާލަށް ތާއީދުނުކުރާމީހާ އަށް ގޯނާކުރާ ހިސާބަށް ގޮސްގެން ނުވާނެއެވެ.އޭނާ ގެ އަބުރާ ޢިއްޒަތަށް އަރައިގަނެގެން ނުވާނެއެވެ. ތިބާއަށް ތިބާ ބޭނުންވާ ޚިޔާލުތައް ފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާ ފަދައިން އެހެންމީހުންނަށް ވެސް އެއުރެން ދެކޭ ގޮތް ހާމަކުރުމުގެ މިނިަންކަން ލިބިގެންވެއެވެ. ޢުމަރުގެފާނު ވިދާޅުވަނީ “މީސްތަކުން އެއުރެންގެ މައިން މިނިވަން ހާލުގައި ވިހާފައިވަ އިރު ތިޔަބައިމީހުން، އެއުރެން އަޅުވެތިކުރާނީ ކިހިނެއް ހެއްޔެވެ؟”

ނ- މީޑިޔާގެ ތަފާތު ޕްރޮގްރާމްތކުގައި މިކަމަށް ސަމާލުކަންދިނުން: ޒަމާނީ ޓެކްނޮލޮޖީ އާއި ޚަބަރުފަތުރާ ވަސީލަތްތައް ތަފާތުވެ ، ކުރިއެރުމުގެ ސަބަބުން މިއަދު މުޅިދުނިޔެ މިވަނީ ކުޑަކުޑަ ރަށަކަށްވެފައެވެ. އެހެންކަމުން ޤައުމުގެ ދަރިން ހައްދުފަހަނަޅާދިޔުމުގެ އޮއިވަރުތަކުން ސަލާމަތް ކުރުމަށްޓަކައި މީޑިޔާގެ ޕްރޮގްރާމްތަކުގައި ވަރަށްބޮޑުސަމާލުކަމެއް ދެވެންޖެހޭނެއެވެ. ޒުވާނުންނާއި ދަރިވަރުން ބޭރުގެ މިފަދަ ޙަރަކާތްތަކުގައި ބައިވެރިވުމާ ދުރުހެލިކުރުމަށާއި، މިފަދަ ޙަރަކާތްތަކުގެ ނުބައިކަން އަންގާދިނުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.

<>

1 Comment

  1. Neeza says:

    why are these DOTS not following these hukums. this is real Islam.

Leave a Reply