ވަކި މަޒުހަބަކަށް ތަޢައްޞުބުވެ ހުރެ ނަމާދު ކުރާ އިމާމުގެ ފަހަތުގައި ކުރާ ނަމާދު
މަޒުމޫނު | admin | January 5, 2010 at 10:07 pm
އުންމަތުގެ ފިޤުހީ މަޝްހޫރު ހަތަރު މަޒުހަބު ބިނާވެފައިވަނީ ސުންނަތުގެ މަތީގައެވެ. ޙަނަފީ މަޒުހަބާއި، މާލިކީ މަޒުހަބާއި، ޝާފިޢީ މަޒުހަބާއި، ޙަންބަލީ މަޒުހަބާއި، މިހަތަރު މަޒުހަބަކީ މިއީ ސުންނަތް ޖަމާޢަތުގެ ހަތަރު މަޒުހަބު ކަމުގައި އުންމަތް ވަނީ އިޖުމާޢުވެފައެވެ. މިހަތަރު މަޒުހަބުގެ ފިޤުހުގެ މަޞްދަރަކީ ޤުރްއާނާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި، ދަންނަބޭކަލުންގެ އިޖުމާޢުއާއި، ޤިޔާސެވެ.
މިހެންކަމުން މިއިން އެއްވެސް މަޒުހަބަކަށް ތަބާވެ ހުރެ، ނަމާދުކުރާ އިމާމުގެ ފަހަތުގައި ނަމާދު ޞައްޙަވާނޭ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
މަޒުހަބު ތަކުގެ މެދުގައި ފަރުޢީ މައްސަލަ ތަކުގައި ޚިލާފު އެބަހުއްޓެވެ. އަދި ބައެއް މައްސަލަތަކުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ތަޢާރުޟްވާ ގޮތަށް ވެސް ކަންތައްތައް އެބަހުއްޓެވެ. މިފަދަ މައްސަލަތަށް ހުންނަނީ އިމާމުންގެ އިޖުތިހާދުގެ ސަބަބުންނެވެ. ނުވަތަ އެކަމާގުޅޭ ޙަދީސް އެބޭކަލުންނަށް ލިބިވަޑައިގެންފައިނުވާތީވެއެވެ.
ވީމާ މުސްލިމު އިންސާނާގެ މައްޗައް ވާޖިބުވެގެންވަނީ އެފަދަ ޙާލަތުގައި ސުންނަތުގައިވާ ގޮތަށް ޢަމަލު ކުރުމެވެ. ދީނަކީ އެއީއެވެ. ހުރިހާކަމެއްގައިވެސް، ވަކިން ޚާއްޞަކޮށް އަޅުކަމުގެ ކަންތަކުގައި ނަބިއްޔާ ދަސްކޮށްދެއްވާފައިވާ ގޮތަށް ތަބާވާންޖެހޭނެއެވެ. މަޒުހަބުތަކުގެ އަޞްލަކީ އެއީއެވެ. މަޒުހަބުތަކުގެ އިމާމުންގެ ބަސްފުޅަކީ، ތިމަން ބޭކަލުންގެ ބަސްފުޅެއް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ ޚިލާފު ވެއްޖެނަމަ، ތިމަންބޭކަލުންގެ ބަސް ފާރާލާ ޖަހާށެވެ! މާތް ސުންނަތުގައި ހިފާށެވެ. ވީމާ ޢަމަލުކުރަން ޖެހޭނޭ ގޮތަކީ މިއީއެވެ.
މިއާ ޚިލާފުވާ އިމާމަކު ނަމަ، އެމީހަކަށް ނަސޭޙަތްތެރިވުމަކީ ވާޖިބުވެގެންވާ ކަމެކެވެ. މަޒުހަބުތަކަށް ތަޢައްޞުބު ވުމަކީ އޮތް ކަމެއްނޫނެވެ. ޙައްޤު އެނގިހުރެ، ސުންނަތް ދޫކޮށް މަޒުހަބަށް ތަޢައްޞުބުވާ މީހެއްގެ ފަހަތުގައި ނަމާދު ކުރުމަށް ވުރެން ނުކުރުން އައުލާވެގެން ވެއެވެ.



Tweet This
Digg This
Save to delicious
Stumble it

