ގުގުރިއަކީ މަލާއިކަތެއްތޯ އެވެ؟
ސުވާލާއި ޖަވާބު | admin | January 14, 2010 at 4:40 am
މާތްވެގެންވާ އިސްލާމްދީނާމެދު ޝައްކު އުފައްދަން މަސައްކަތްކުރާ މީހުން، އެ ދީނުގައި އަންގަވާފައި ނެތް ވާހަކަތައް އެދީނުގައި އަންގަވާފައިވާ ކަމަށް ބުނެ، ސުވާލު އުފައްދަ އެވެ. ތިރީގައި މިވަނީ، އެފަދަ ސުވާލަކާއި، އެ ސުވާލަށް އަޒުހަރު ވެބްސައިޓުގައި ދެއްވާފައިވާ ރައްދެވެ.
ސުވާލު:
މާތް ﷲ އަށް، ގުގުރި ތަސްބީޙަ ކިޔާ ކަމަށް ކީރިތި ޤުރުއާނުގައި ވެ އެވެ. އަދި، ގުގުރިއަކީ، އެކަލާނގެ މަލާއިކަތުންގެ ތެރެއިން މަލާއިކަތެއް ކަމަށް ނަބަވީ ޙަދީޘްތަކުގައި ވެ އެވެ. އަޅުގަނޑުމެންނަށް (ސައިންސްގެ ހޯދުންތަކުން) އެނގިފައިވާ ގޮތުގައި، ގުގުރިއަކީ، ދެ ވިލާގަނޑު މުޑިއެރުމުގެ ސަބަބުން އުފެދޭ އިލެކްޓްރިކް ހަކަތަ އެވެ. ވީއިރު، ގުގުރިއަކީ، މަލާއިކަތެއް ކަމުގައިވާނީ ކިހިނަކުންތޯ އެވެ؟
ޖަވާބު:
ގުގުރިއަކީ، މަލާއިކަތެއް ކަމާމެދު އިންކާރުކޮށް، ސުވާލު ހުށަހެޅުއްވި (އަހުލު ކިތާބީންގެ) ބޭފުޅާ، މާތް ﷲ އަށް، ގުގުރި ތަސްބީޙަ ކިޔާކަމާމެދު އިންކާރު ނުކުރައްވާކަން ފާހަގަކޮށްލަން ޖެހެ އެވެ. އެހެނީ، މާތް ﷲ އަށް، ގުގުރި ތަސްބީޙަ ކިޔާ ކަމަށް، ތައުރާތުގައި ވެ އެވެ. އަދި އެކަލާނގެ ޚަލްޤުކުރެއްވި ހުރިހައި އެއްޗެއްމެ، އެކަލާނގެއަށް ތަސްބީޙަ ކިޔާ ކަމަށް އެ ފޮތުގައި ވެ އެވެ. ނަމަވެސް، ސުވާލު ހުށަހެޅުއްވި ބޭފުޅާ، އިންކާރުކުރައްވަނީ، ގުގުރިއަކީ، މަލާއިކަތެއް ކަމާމެދުގަ އެވެ.
އިސްލާމީ ނަޒަރަކުން ބަލާއިރު، ގުގުރިއަކީ، މަލާއިކަތެއްކަން އޭނާއަށް ކަށަވަރުކޮށްދިނީ ފަހެ، ކާކުތޯ އެވެ؟ ގުގުރިއަކީ، މަލާއިކަތެއް ކަމަށް ކީރިތި ޤުރުއާނުގައި އަންގަވާފައެއް ނެތެވެ. ނަބަވީ ޙަދީޘްތަކުގައިވަނީ، ގުގުރިއާ ބެހޭ މަލާއިކަތެއް ވާ ކަމަށެވެ. ގުގުރިއަކީ މަލާއިކަތެއް ކަމަކަށް ނޫނެވެ. އެހެންވީމާ، ފަރަގު ވަރަށް ސާފުކޮށް އެބަ އޮޅުންފިލަ އެވެ.
މާތް ﷲ އަށް ތަސްބީޙަ ކިޔުމާ ބެހޭގޮތުން ތައުރާތުގައި ވެ އެވެ.
“އެއީ، ޚަލްޤުކުރެއްވޭނެ އުންމަތެކެވެ. އެ އުންމަތް، އެންމެ މަތިވެރި ރަސްކަލާނގެ އަށް، ތަސްބީޙަ ކިޔާނެ އެވެ.” (މަޒުމޫރު: 18:102) މި ޢިބާރާތުގައިވާ އުންމަތަކީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އުންމަތެވެ.
“އުޑުތަކާއި ބިމާއި ކަނޑުތަކާއި އެތަންތަނުގައިވާހައި ދިރޭ އެއްޗެއް ތަސްބީޙަ ކިޔަ އެވެ.” (މަޒުމޫރު: 34:69)
އަދި ވެސް އެ ފޮތުގައި ވެއެވެ. “އެންމެ މަތިވެރި ރަސްކަލާނގެއަށް، އުޑުތަކުން ތަސްބީޙަ ކިޔާށެވެ! މަތީގައިވާ ތަންތަނުގައި އެކަލާނގެއަށް ތަސްބީޙަ ކިޔާށެވެ! އެންމެހައި މަލާއިކަތުންނޭވެ! އެކަލާނގެއަށް ތަސްބީޙަ ކިޔާށެވެ! އެކަލާނގެ ޚަލްޤުކުރެއްވި އެންމެހައި ސިފައިންނޭވެ! އެކަލާނގެއަށް ތަސްބީޙަ ކިޔާށެވެ! އޭ، އިރާއި ހަނދެވެ. އެކަލާނގެއަށް ތަސްބީޙަ ކިޔާށެވެ! އޭ، ނޫރާނީ އެންމެހައި ކައުކަބުތަކާއެވެ! އެކަލާނގެއަށް ތަސްބީޙަ ކިޔާށެވެ! އޭ، އުޑުތަކުގެ އުޑާ އެވެ! އެކަލާނގެއަށް ތަސްބީޙަ ކިޔާށެވެ! އޭ، އުޑުތަކުގެ މަތީގައިވާ ފެންތަކާ އެވެ! އެކަލާނގެއަށް ތަސްބީޙަ ކިޔާށެވެ! އެންމެހައި ތަކެތި އެކަލާނގެއަށް ތަސްބީޙަކިޔުން ހުއްޓެވެ. އެހެނީ އެންމެހައި ތަކެތި ޚަލްޤުކުރެއްވުނީ އެކަލާނގެ އަމުރުފުޅަށެވެ. ޒަމާންތަކަށް އެތަކެތި ސާބިތުކަންމަތީ އެކަލާނގެ ލެހެއްޓެވި އެވެ. އަދި ފަހަނަޅައި ނުދާނެ އިމެއް އެތަކެއްޗަށް އެކަލާނގެ ކަނޑައެޅުއްވި އެވެ.”
ސަލާމްލެއްވި ޢީސާގެފާނު، ޙަވާރިއްޔަ ބޭކަލުންނާއެކު، ތަސްބީޙަ ވިދާޅުވިކަމަށް އިންޖީލުގައިވެ އެވެ. ތަސްބީޙަ ކިޔުމަކީ، މުއުމިން އަޅުތަކުންނާއި މަލާއިކަތުން ކުރައްވާ ކަމެއްކަން، އެފޮތުން ސާބިތުވެ އެވެ.
ކީރިތި ޤުރުއާނުގެ އަލްއަޢުލާ ސޫރަތުގެ ފުރަތަމަ އާޔަތުގައި ވެ އެވެ. (سَبِّحِ اسْمَ رَبِّكَ الأَعْلَى) މާނައީ، “ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!”
އެހެންވީމާ، އެންމެހައި ތަކެތި މާތް ﷲ އަށް ތަސްބީޙަ ކިޔާކަމީ، ހަމައެކަނި އިސްލާމްދީނުގައި އަންގަވާފައިވާ ކަމެއް ނޫންކަން އެބަ އެނގެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވަނީ، ގުގުރިއާ ބެހޭ މަލާއިކަތެއް ވާ ކަމަށެވެ. ގުގުރިއަކީ މަލާއިކަތެއް ކަމަށް، މި މާތް ދީނުގައި އަންގަވާފައެއް ނެތެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މަޞްދަރު:
އަލްއަޒުހަރު ވެބްސައިޓު.




Tweet This
Digg This
Save to delicious
Stumble it

