ބޭންކް އެކައުންޓުން މުދަލު ޒަކާތް

މަޒުމޫނު | admin | February 7, 2010 at 1:28 am

cash_dollars

بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده. ބެންކް އެކައުންޓެއްގައި ހުންނަ ފައިސާއިންވެސް އަހަރެއް ހަމަވެ، ނިޞާބް ހަމަވެއްޖެނަމަ  ޒަކާތް ދޭންޖެހޭނެއެވެ. ނިޞާބް ހަމަވާކަމަށް ބަލާނީ ތިމާ އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ އެދަރަނި ކެނޑުމަށް ފަހު ބާކީ ހުރި ފައިސާއިން ނިޞާބް ހަމަވާ ކަމުގައި ވާނަމައެވެ. ހިޖްރީ އަހަރުން ބަލައިގެން އަހަރު ހަމަވެއްޖެނަމަ، ޒަކާތުގެ ގޮތުގައި ނެރޭނީ ނިޞާބްހަމަވި ފައިސާގެ 2.5% އެވެ. މީލާދީ އަހަރުން ބަލައިގެން އަހަރު ހަމަވެއްޖެނަމަ، ޒަކާތުގެ ގޮތުގައި ނެރޭނީ ނިޞާބްހަމަވި ފައިސާގެ 2.575% އެވެ. ބެންކް އެކައުންޓް ހުޅުވާފައިވަނީ އިސްލާމިކް ( އިންޓަރެސްޓްގެ މުޢާމަލާތް ނުހިމެނޭ) ބެންކެއްގައި ކަމުގައި ވާނަމަ ނިޞާބް ހަމަވޭތޯ ބަލާނީ އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއްވެސް ހިމަނައިގެންނެވެ. އެއާޚިލާފަށް ބެންކް އެކައުންޓް ހުޅުވާފައިވަނީ ރިބާގެ (އިންޓަރެސްޓްގެ) މުޢާމަލާތް ހިމެނޭ ބެންކެއްގައި ކަމުގައިވަނީ ނަމަ ނިޞާބް ހަމަވޭތޯ ބަލާނީ އިންޓަރެސްޓްގެ ގޮތުގައި އެކައުންޓަށް ލިބިފައިވާ ފައިސާ ނުހިމަނައި ދެން ހުރި ފައިސާއިންނެވެ. ސަބަބަކީ ޙަރާމް ފައިސާއަކުން ޒަކާތް ނުދެވޭނެތީއެވެ. އެހެންނަމަވެސް އިންޓަރެސްޓަށް މިގޮތަށް ލިބޭ ޙަރާމް ފައިސާ ތިމާގެ އަމިއްލަ ބޭނުމަށް ފަހަރެއްގައިވެސް ބޭނުން ކޮށްގެން ނުވާނެއެވެ. ހަމައެއާއެކު އެފައިސާ ބެންކަށްވެސް ދޫކޮށްލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި އެފައިސާ ނެގުމަށްފަހު އެންމެންނަށް މަންފާ ލިބޭ ކަހަލަ ( މަގުހެދުން ފަދަ ޢާއްމު މަޞްލަޙަތު ހިމެނޭ ) ފަންޑަކަށް ހަދިޔާކުރާނީއެވެ. އެހެންނަމަވެސް މިސްކިތްބިނާކުރުން ނުވަތަ ޤުރުއާން ޗާޕްކުރުން ފަދަ ދީނީ ކަންކަން ހިމެނޭ ފަދަ ފަންޑަކަށް މިފަދަ ފައިސާ ހަދިޔާކޮށްގެން ނުވާނެއެވެ. މިގޮތަށް މިފައިސާ ހޭދަކުރުމަކީ ޞަދަޤާތެއް ކަމުގައި ނުވާނެއެވެ. އެހެންނަމަވެސް މިގޮތަކީ، ޙަރާމް ފައިސާތަކެއް ޙަލާލްގޮތުގައި ބަޔަކަށް ބޭނުންކުރެވުމަށްޓަކައި ހެދުން ހުއްދަ ގޮތެއްކަމުގައި ޢިލްމްވެރިން ވިދާޅުވެއެވެ.

Leave a Reply