މީހެއްގެ އަންބަކާއެކު ގުޅުމެއް ހިންގައިފައިވާނަމަ

ފަތުވާ | admin | February 7, 2010 at 1:31 am

maldives-buruga

އެންމެ ފުރަތަމަވެސް ދޭން އޮތް ނަޞޭޙަތަކީ މިފަދަ ވިޔާނުދާ ފާޙިޝް ޢަމަލުތަކުން ސަލާމަތްވެ ދުރުގައި ތިއްބަވާށެވެ. މިހެނީ މިފަދަކަންކަމަކީ ބޮޑެތި ފާފަތަކެވެ. އެފަދަ ނުބައި ޢަމަލެއްގެ މަތީ ހުއްޓާވެސް މަރު ތިމާޔާ ކުރިމަތިލުމަކީ ދުރުކަމެއްނޫނެވެ.

މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤުގެ ވެރިފަރާތުން މަޢާފަށް އެދެން ޖެހޭނެއެވެ. ތައުބާވެސް ވާންޖެހޭނެއެވެ. އެހެންނަމަވެސް ތިޔަވިދާޅުވި ޙާލަތުގައި މަޢާފަށް އެދުމުގެ ސަބަބުން މަޞްލަޙަތު ގެއްލިދާނެކަމުގެ ބިރުހީވާނަމަ ޙައްޤުގެ ވެރިޔާއަށް ހެޔޮދުޢާކޮށް އަދި ތިމާގެ ބޮލުގައި އެޅިފައިވާ އެހެންމީހުންގެ  ޙައްޤުތައް އުފުއްލަވައިދެއްވުން އެދި ﷲގެ ޙަޒުރަތުގައި ދުޢާކުރުން ހުއްޓެވެ.

ތައުބާވުމަކީ ކުރެވެމުންދާ ފާފައިން ދުރުވެ ﷲގެ ޙަޟްރަތަށް ރުޖޫޢަ ވެގަތުމެވެ. އަޅާ އަށް ފާފަކުރެވުމުން އޭނާ ތައުބާ ވެ ﷲގެ ޙަޟްރަތަށް ރުޖޫޢަވެއްޖެނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާގެ ތައުބާ ޤަބޫލު ކުރައްވާނެއެވެ. އެހެންކަމުން ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އޮތީ، އެއިލާހުގެ ރަޙްމަތާމެދު އުއްމީދު ކަނޑާލުމެއްނެތި ތައުބާގެ ޝަރުޠުތަކާއެކު އަވަހަށް ތައުބާވުމެވެ.

އަދި ފަރުޟު ފަސްނަމާދު ވަގުތުން މިސްކިތުގެ ޖަމާޢަތުގައި އަދާކުރާށެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި ދީނީ ނަސޭހަތުގެ ދަރުސުތައް އަޑުއަހާށެވެ. ﷲ ތަޢާލާ ތިބާއާއި އަޅުގަނޑުމެންނަށް ފާފަފުއްސަވައި ތައުބާ ލައްވައި ރަޙްމަތް ލައްވާށިއެވެ.! އާމީން والله أعلم.

Leave a Reply